English Edition
Dhivehi Edition

އުމުރުން އެންމެ 18 އަހަރުގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލް، ހޯމަ ދުވަހު ބޭއްވި ބާސެލޯނާގެ ސްޕެނިޝް ލީގު ހޯދުމާއި ގުޅިގެން ބޭއްވި ޕެރޭޑްގައި ފަލަސްތީނުގެ ދިދަ ހިފައިގެން ހުރުމުން ސޯޝަލް މީޑިއާއާއި އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި އަމަލުގެ ސަބަބުން ގިނަ ބަޔަކު އޭނާގެ ހިތްވަރަށް ސާބަސް ދެމުންދާއިރު، ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ.

މޮރޮކޯ އަދި އިކުއެޓޯރިއަލް ގިނީގެ ދަރިކޮޅަށް ނިސްބަތްވާ ޔަމާލް، ފަލަސްތީނުގެ ދިދަ ހިފައިގެން ހުންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރެމުންނެވެ.

މި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް މަގުތަކަށް އެއްވެފައި ތިބި ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ދުއްވި ހުޅުވާލެވިފައިވާ ބަހެއްގެ މަތީގައި ހުރެ ޔަމާލް ދިޔައީ ފަލަސްތީނުގެ ދިދަ ވިހުރުވަމުންނެވެ. ބާސެލޯނާއިން މި ސީޒަނުގެ ލަލީގާ ކާމިޔާބުކުރީ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 2-0 އިން މޮޅުވެގެންނެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސްޕެއިންގެ ބާސެލޯނާ ސިޓީގައި އިސްރާއީލާ ދެކޮޅަށް އަދި ފަލަސްތީނަށް ތާއީދުކޮށް ބޮޑެތި މުޒާހަރާތަކެއް ބާއްވަމުން އަންނަ ކަމެވެ.

ބާސެލޯނާގެ އުފާފާޅުކުރުމުގެ ތެރޭގައި ޔަމާލް ފަލަސްތީނުގެ ދިދަ އުފުލުމުން ސަޕޯޓަރުންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ސްޕެއިންގެ މި ހުނަރުވެރި ކުޅުންތެރިޔާއަށް ގިނަ ބައެއްގެ ތައުރީފު އޮހެމުންދާއިރު، މަދު ބަޔަކު ވަނީ ކްލަބުގެ ހަރަކާތެއްގެ ތެރޭގައި އިޖުތިމާއީ އަދި ސިޔާސީ ކަންކަމަށް ވަކާލާތުކުރާތީ އެކަމަށް ފާޑުކިޔާފައެވެ.

“ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތުލީޓުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކު މިފަދަ ކަމެއް ކުރުމަކީ ދެވޭ ވަރަށް ބާރުގަދަ މެސެޖެއް. ”

އެކްސް (ކުރީގެ ޓްވިޓާ) ގައި ސަޕޯޓަރަކު ލިޔެފައިވެއެވެ.

އެކްސްގެ މަގުބޫލު އެކައުންޓެއް ކަމަށްވާ މާރިއޯ ނައުފަލް ވެސް ވަނީ ޔަމާލްގެ ނުފޫޒު “ޖެހިލުމެއް ނެތި” ބޭނުންކުރާތީ އޭނާއަށް ތައުރީފުކޮށްފައެވެ.

“ބާސެލޯނާގެ ޕެރޭޑްގައި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ އުފުލައިފި،” މާރިއޯ ނައުފަލް ބުންޏެވެ. “17 އަހަރުގެ މި ސުޕަސްޓާރު މި އަމަލު ހިންގާފައިވަނީ ބާސެލޯނާގެ މަގުތަކުގައި ޓީމުން އުފާފާޅުކުރަމުން ދިޔަ ވަގުތު. ޔަމާލް ދަނީ އޭނާގެ މަގުބޫލުކަން އެއްވެސް ޖެހިލުމެއް ނެތި ބޭނުންކުރަމުން. މި ޒުވާން ކުޅުންތެރިޔާއަކީ އޭނާ ގަބޫލުކުރާ ކަންކަމުގައި ބަސްބުނުމަށް ނުވަތަ ދިދަ އުފުލުމަށް ބިރުގަންނަ ކުޅުންތެރިއެއް ނޫންކަން މީގެން ސާފުވޭ..”

މި ދަނޑިވަޅަކީ، އޭޕްރީލް މަހުގެ ފަހުކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ލަމީން ޔަމާލް ކުޅުމާ ދުރުގައި ހުރި ދުވަސްވަރެކެވެ. އޭނާ އުންމީދު ކުރަނީ ޖޫން 11 ގައި ފަށާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށެވެ.