English Edition
Dhivehi Edition
އިރުތިޝާމް އާދަމް

މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް، ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި ދަތުރަކީ މިނިސްޓަރު އިރުތިޝާމް އާދަމް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ޑރ. އެސް ޖައިޝަންކަރުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުންތަކަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމެބެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމެވެ.

މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓާ އާމިނަތު ގުރޭޝާ ބައިވެރިވެވަޑައިގަންނަވައެވެ.