English Edition
Dhivehi Edition
އައްޑޫ ޕޯޓުގައި ބޮންޑެޑް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު

ސަރުކާރުން އައްޑޫ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މި މަހު އައްޑޫގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ނިންމާފައިވާކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 13 އަދި 14 ގައި އައްޑޫގައި ބާއްވާ މި ފޯރަމަކީ ދެކުނުގެ އިގްތިސާދު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ބާއްވާ މުހިންމު ހަރަކާތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ފޯރަމްގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާއި މާލޭގެ ވިޔަފާރިވެރިން އެއް ޕްލެޓްފޯމަކުން ބައްދަލުވެ، އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެކަމަށެވެ.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާ، މަސައްކަތްތެރިންނާ، ޓެކްނޮލޮޖީ އާއި އިދާރީ ހިދުމަތްތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަކީވެސް މި ފޯރަމްގެ މަގްސަދެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ހިތަދޫ އެމްޕީއެލް ކޮމާޝަލް ޕޯޓް ފްރީ ޒޯން މަޝްރޫއުގެ “ޕައިލެޓް” މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.