English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

އަންހެން އޮފިސަރުންނަކީ ހަމައެކަނި ފުލުހުންގެ ހިދުމަތަށް ފުރިހަމަކަން ގެނެސްދޭ ބައެއް ނޫން ކަމަށާއި، އެއީ ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާ ގުޅޭ ނާޒުކު މައްސަލަތަކުގައި އިތުބާރާއި ޔަގީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަހްމަދު މުހައްމަދު ވިދާޅުވީ ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިޔަސް، ތަހުގީގީ ނުވަތަ އިންޓެލިޖެންސް ކަމަށް ވިޔަސް، ފްރަންޓްލައިން ނުވަތަ ޓެކްނިކަލް ދާއިރާތައް ކަމަށް ވިޔަސް، އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާ ކަމަށެވެ. އަދި އެ އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ކަންކަން ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ އަމާޒަކީ ހަމަހަމަކަމާއެކު އެންމެން ޝާމިލުވާ، ފަރަގުކުރުމެއް ނެތް މާހައުލެއް ފުލުހުންގެ ތެރޭގައި ގާއިމުކުރުން ކަމަށެވެ. އަދި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، އެ އޮފިސަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އައު ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން މިކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި، ކޮމިޝަނަރގެ ހައިސިއްޔަތުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.