English Edition
Dhivehi Edition
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު: ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައީބު ރައީސް ހުސައިން މުހައްމަދު ލަޠީފް ފާހަގަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ހޮޓެލް ޖެންގައި މިއަދު ފެށި “ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ސްމޯލް ބްރާންޗަސް ވާރކްޝޮޕް 2026 – ކެޕޭސިޓީ ބިލްޑިންގ ވާރކްޝޮޕް: ސްޓްރޯންގ އެންޑް ޖުރިސްޑިކްޝަންސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެމުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސާފު މަގްސަދަކާއެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ނައިބު ރއީސް ވިދާޅުވިއެވެ.

މި ވާރކްޝޮޕަކީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސްމޯލް ބްރާންޗަސްގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ސީ.ޕީ.އޭ އާއެކު ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް، އަދި ގާނޫނުހަދާ މަޖިލިސްތަކުގެ ނިޒާމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ނެޓްވޯކް ފަދަ މަންސަތަކުން އަދާކުރާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮމަންވެލްތާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރާއްޖޭގެ ޕާލަމެންޓްރީ ނިޒާމު އިތުރަށް ތަރައްގީކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.