English Edition
Dhivehi Edition
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމުހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިގުތިސާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކުރާ “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” އިފްތިތާހުކުރުމަށް ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މި އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ހިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމުގައެވެ. އަދި އެ ވިޔަފާރިތަކަކީ އިގުތިސާދުގެ ނާރެސް ކަމަށާއި، އެއީ، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިގުތިސާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އެ ވިޔަފާރިތައް ހިންގަވާ ވިޔަފާރިވެރިންނަކީ މި މުޖުތަމައުގެ ތަރައްގީއާއި، ދިރުމާއި، ކުރިއެރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ގައުމީ ތަރައްގީގައި ވަރަށް ބޮޑު ގުރުބާނީއެއް ވާ ހިދުމަތްތެރިކަން ފާހަގަކުރައްވާފައެވެ.

“21 ވަނަ ގަރުނުގައި، އަޅުގަނޑުމެން ދެކެމުން މި އަންނަނީ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުސަތުތަކެއް. މި ދާއިރާތަކުން ފަހި ނަތީޖާ ހާސިލްކޮށް ފުރިހަމަ ކާމިޔާބަށް ވާސިލްވުމަށްޓަކައި، އަޅުގަނޑުމެންގެ ވިޔަފާރިވެރިން މި އައު ހުނަރުތަކާއި އުކުޅުތައް ދަސްކޮށް، އޭގެ ބޭނުން ހިފަން ޖެހޭ. އަދި އަޅުގަނޑުމެންގެ މި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. އެ ގޮތުން މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ގާނޫނީ ލުއިތައް ދިނުމުގެ މުހިންމު” ނައިބު ރައީސް ވިދާޅުވިއެވެ.

ރޭ އިފްތިތާހުކުރެވުނު “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ގައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.