English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން (އެސްއޯއީ) މީޑިއާތަކަށް ދޭ ސްޕޮންސާތަކުގެ ތެރެއަށް ރައީސް އޮފީހުން ނުވަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން މިހާރު ފަށާފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރު ކުންފުނިތަކުން މީޑިއާތަކަށް އާންމުކޮށް ސްޕޮންސާ ދޭން ނުޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް މީޑިއާތަކަށް ފައިސާ ދިނުން ހިމަނާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، ކުންފުނިތަކުގެ އަމިއްލަ ޕްރޮޑަކްޓުތަކާއި މަސައްކަތްތައް އިޝްތިހާރު ކުރުމަށް މީޑިއާ ޕެކޭޖުތައް ނެގުމަކީ ކުންފުނިތަކަށް ލިބިފައިވާ ހައްގެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރަންވާނީ ދެފުށް ފެންނަ ގޮތަށް، އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެކަން ހަމަ ޓްރާންސްޕޭރެންޓް ގޮތަކަށް، ޕްރޮފެޝަނަލް މިންގަނޑުތަކުން ކުރިއަށް ގެންދިޔާމަ އަޅުގަނޑު ހިތުން ހަމަ ރަނގަޅުވާނެ،” ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ތީރު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުންފުނިތަކުން ދޭ ސްޕޮންސާގެ ތެރެއަށް ރައީސް އޮފީހުގެ އެއްވެސް ބޭފުޅަކު ވަންނަ ނަމަ، އެ މީހެއްގެ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކޮންޓްރޯލް ކޮމިޝަނުންނެވެ. ބަޖެޓުން ފައިސާ ދެމުން، ކުންފުނިތަކުން ވެސް ސްޕޮންސާ ދޭތީ ބައެއް މީހުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.