English Edition
Dhivehi Edition

ބުލީކުރުން ނުވަތަ ހަނގާކުރުމަކީ ތަކުރާރުކޮށް ބަހުންނާއި އަމަލުން ބިރުދައްކާ ފާޑުކިޔާ ހެދުމެވެ. އަދި މިކަމަކީ އަޅުގަނޑުމެން ދިރިއުޅެމުން މިދާ މުޖުތަމައުގައި މިހާރު އާއްމުވަމުން އަންނަ ދަށު ދަރަޖައިގެ އަމަލެކެވެ. ދުވާލެއްގެ މައްޗަށް އެތައް ކުދިންނެއް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަނގާގެ ޝިކާރައަކަށް ދަނީ ވަމުންނެވެ. ކުއްޖާގެ ސިފަޔާއި ފެންވަރަށް ބަލާ ހަނގާ ކުރުން މިވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ.
އަނެކުންގެ ގައިގާ ނުރުހުމުގެ ގޮތުން ވިކާލާ ވިކާލުމާއި ހިސާބުން ފެށިގެން މަލާމާތްކޮށް، ލަދުގަންނަވާލާ ހެދުމަކީވެސް ބުލީގެ ތެރޭގައި ހިމެނޭނެ ކަންތައްތަކެވެ. އަދި މީގެ އިތުރުން ހިތްހަމަނުޖެހޭ “ވަނަން” ކިޔުމާއި އެކަހެރި ކުރުމަކީވެސް ބުލީކުރުމުގެ ތެރޭގައި ހިމެނިދާނެ ކަންކަމެވެ.

އަދި މިކަމަކީ އިސްލާމީ އުސޫލުތަކާއި ދިވެހި ސަގާފަތާ ބީރައްޓެހި ނޭދެވޭ އަމަލެކެވެ. ނަމަވެސް، ފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދާ އެންމެ ހިތާމަވެރި އެއް މަންޒަރަކީ، ބުލީކުރުމުގެ އަމަލުތައް މުޖުތަމައުގެ ބައެއް ފަރާތްތަކުން ބަލައިގަތުމުގައި ގެންގުޅޭ “ދެފުށްދެގޮތް” އުސޫލުތަކެވެ. ވަކި ފިކުރަކަށް ނިސްބަތްވުމަކީ ބުލީކުރުން ހުއްދަވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެމުންދާކަން މި ލިއުމުގައި ފާހަގަކޮށްލަމެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، މީހުންނަށް ދަށްކޮށްލާ، ބުލީކުރެވޭ ފަދަ ގޮތަކަށް ވާހަކަދައްކާ ފަރާތަކީ ވަކި ސިޔާސީ ނުވަތަ އިޖުތިމާއީ ފިކުރެއްގެ މީހަކަށް ވެއްޖެނަމަ، އެއީ މައްސަލައެއް ނޫންކަން ދެއްކުމަށް ބަޔަކު މަސައްކަތްކުރާ ކަމެވެ. މިފަދަ ހާލަތްތަކުގައި އެ މީހަކު ދެއްކި ވާހަކަތަކާއި، ބަސްތަކުން ކުރި އިހާނެތި އަމަލުތައް އޮއްބާލައި، އެއީ އެއްވެސް ކަމެއް ނޫން ކަމަށް ހަދައި އެމީހަކު ދިފާއުކުރުމަށް ބޮޑެތި ކެމްޕޭންތައް ސޯޝަލްމީޑިއާގައި ހިންގައެވެ.

ހިތާމައަކީ، މިފަދަ ނޭދެވޭ ސިފަތައް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކަށްވުރެ ބޮޑަށް ފިކުރީ ގޮތުން “އަހުލުވެރި” ބައެއް ކަމަށް ބަލައި، އެމީހުން ދައުލަތުގެ ޒިންމާދާރު މަތީ މަގާމުތަކަށް އިންތިހާބުކޮށް ނުވަތަ އައްޔަން ކުރެވެމުންދާ ކަމެވެ. މީގެ ސަބަބުން ބުލީކުރުމަކީ މުޖުތަމައުގައި ބަލައިގަނެވޭ ކަމެއްގެ ގޮތުގައި ދައްކައި، ނުބައި ނަމޫނާއެއް އަންނަނީ ގާއިމުވަމުންނެވެ.

އަނެއްކޮޅުން، ބުލީކުރެވޭ ގޮތަށް ވާހަކަ ދެއްކި މީހާގެ އަމަލުތަކާ މެދު ސުވާލު އުފައްދާ ނުވަތަ އެކަން ކުށްވެރިކުރާ މީހުންނާ މެދު އަމަލުކުރެވެނީ ވަރަށް އިހާނެތިކޮށެވެ. އެމީހުންނަކީ ދުޝްމަނުންގެ ގޮތުގައި ސިފަކޮށް، ޖެއްސުންކޮށް، ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެމީހުން އެކަހެރިކޮށް އެމީހެއްގެ އާއިލާއާއި ގުޅިވައިގެން މަލާމާތް ކުރުންފަދަ ކަންތައްތް ކުރުމަށް މަސައްކަތް ކުރެވެއެވެ.

ހަގީގަތުގައި ބުލީކުރުމާ ދެކޮޅަށް އަޑުއުފުލާ މީހުންނަށް ހަމަލާދީ، އެމީހުންގެ އަގުވައްޓާލުމަކީ ބުލީކުރުމުގެ އަމަލު އިތުރަށް ވަރުގަދަކޮށް، މުޖުތަމައުގެ އަދުލުވެރިކަން ގެއްލިގެންދާ ކަމެކެވެ. މިކަމުގެ ސަބަބުން ބުލީކުރުމުގެ ޝިކާރައަކަށްވާ މީހާ ކުށްވެރިވެ، ބުލީކުރާ މީހާ ބާރުވެރިވުމުގެ ނުރައްކާތެރި ސަގާފަތެއް ވަނީ އުފެދިފައެވެ.

ބުލީކުރުމަކީ ކޮންމެ މީހަކު ކުރި ކަމުގައި ވިޔަސް، އަދި ކޮންމެ ފިކުރެއްގެ މީހަކު ކުރި ކަމުގައި ވިޔަސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މުޖުތަމައުގެ ޒިންމާދާރު މަގާމުތަކަށް މީހުން ހޮވުމުގައި އެމީހުންގެ އަހުލާގާއި، އެހެން މީހުންނަށް ކުރާ އިހުތިރާމަށް ބަލަންޖެހެއެވެ. ވަކި ފިކުރަކަށް ނިސްބަތްވުމަކީ އަހުލާގީ މިންގަނޑުތަކުން ބޭރުވުމަށް ލިބޭ ހުއްދައެއް ނޫނެވެ. މުޖުތަމައު އިސްލާހުވާނީ ބުލީކުރާ ކޮންމެ މީހަކީ ކުށްވެރިއެއް ކަމުގައި ދެކި، އެކަމަށް އިންސާފުވެރިކަމާއެކު ފިޔަވަޅު އެޅިގެންނެވެ.