އިދިކޮޅު ފަރާތްތަކުން ރޭގައި ފެށި މަސައްކަތް ހުއްޓާލާނީ ސުޕްރީމް ކޯޓުގައި މިވާ ކަންކަން އޭގައި އެވާގޮތަށް މި ސަރުކާރުން ތަންފީޒުކޮށް ނިމުމުން ކަމަށާއި ﷲގެ އިރާދަފުޅާ އެކީގައި ރައީސް ޔާމީންގެ ވެރިކަން ވެސް ނިންމާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ސިޔާސީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ ފީތާ މިއޮތީ ރޯކޮށްލާފައި ކަމަށާއި މި ފީތާ ދެން ދާނީ މިހެން ރޯވަމުން ރޯވަމުން ކަމަށެވެ.
“ސިޔާސީ ހައްޔަރީން އަދިވެސް ދޫކޮށް ނުލާ. އެ ފަރާތްތައް ވަނީ ސީދާ ރަހީނުކޮށްފައި. ހަމަ ގައިމުވެސް މިއަދުގެ ކޮންމެވެސް ވަގުތެއްގައި “މިކަން ވާނެ”. ގޭގައި މި ހަރަކާތްތަކުގައި ދިވެހި ރައްޔިތުން ބައިވެރި ވުމަށް ނިކުންނަންވީ. ގޭގައި ޓީވީ ބައްލަވަން ތިބުމުގެ ބަދަލުގައި ހަރަކާތްތަކާއި ގުޅުމަށް މަގުމައްޗަށް ނިކުންނަންވީ” މަހުލޫފް. ކަމަށް ވިދާޅުވިއެވެ
ރޭ ސުޕްރީމް ކޯޓުން ކުރި އަމުރަކީ ދިވެހި ރައްޔިތުން މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ކަމަށާއި މިކަމުގައި ބައިވެރިވެ އުފާފާޅުކުރުމަށް ރަށްރަށުންވެސް ރައްޔިތުން ބޯޓުތަކުގައި އާއި ދޯނިފަހަރުތަކުގައި އަވަހަށް މާލެ އައިސް މުޒާހަރާތަކުގައި ބައިވެރިވުމަށް މަހުލޫފް ވަނީ ގޮވާލައްވަވާފައެވެ.
މަހުލޫފު ވިދާޅުވީ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ހާއްސަ ދުއާއެއް ކުރުން އޮންނާނެ ކަމަށާއި އެ ދުއާ ކުރުމަށް ނިންމާފައި ވަނީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ސުޕްރީމް ކޯޓުން ރޭ ކުރި ޙުކުމުގައި ސިޔާސީ އެކި ކުށްކުށުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ރޭ ވަނީ ޙުކުމް ކޮށްފައެވެ.