English Edition
Dhivehi Edition

ސިޔާސީ ކުއްވެރިން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަންއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އަމުރު ތަންފީޒުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަންކުރަން ބުނެފައިވާ ސިޔާސީ ބޭފުޅުންނާ ހަވާލުވުމަށް މާލޭ ޖަލަށް އާއިލާތަކުން ވަނީ ގިނަ އަދަދަކަށް މީހުން ގޮސްފައެވެ.

ކަރެކްޝަންސްގެ އޮފީހުން ވަނީ އެ އާއިލާތަކުގެ މީހުން އެތަނުން ނިކުތުމަށާއި ކޮންމެ އާއިލާއަކުން ވެސް ހުރެވޭނީ އެކަކަށް ކަމަށް އަންގަވާފައެވެ.

ސުޕްރީމް ކޯޓުން ރޭ ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްކުށުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.

މި އަމުރުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.