English Edition
Dhivehi Edition
އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ބީއެމްއެލް

ބީއެމްއެލްގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި، ގަވާއިދާ ހިލާފު ނުރަސްމީ ޑީލަރުން މެދުވެރިކޮށް ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ. މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވި އެވެ. އެ ބޭންކުން އަމަލު ކުރަމުން ދަނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 226 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނެ އެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާ ބަލާއިރު 142 ޕަސަންޓު އިތުރު އަދަދެކެވެ. މީގެ އިތުރުން މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކުން ވަނީ ވިއްކާފަ އެވެ.

ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމުގެ ސަބަބުން، މާލީ ހާލަތު ރަނގަޅުކޮށް، ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ބޭންކުން ބުންޏެވެ. އަދި ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށް ކަމަށް ވެސް އެ ތަނުން ބުނެފައިވެ އެވެ. ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދެފުށް ފެންނަ ގޮތެއްގައި ޚިދުމަތް ކުރުމުގައި ބޭންކް ދެމިއޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.