ވަޒީފާ ދެއްވުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާ ބެހޭގޮތުން މި މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އިޝާރާތްކުރައްވައި، އެ ނަތީޖާއަށް ބިނާކުރައްވައި ސަރުކާރު ހިންގުމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އެގޮތުން، ސަރުކާރުގެ ސައިޒާއި ހަރަދުތައް ކުޑަކޮށް، މީހުން ޢައްޔަންކުރުމުގައި މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް އިސްކަން ދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ހާއްސަކޮށް މީގެ ފަހުން، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން އައްޔަންކުރެވޭ މަގާމުތައް ހުރެގެން ނުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވުޒާރާތަކަށް މީހުން އައްޔަންކުރުމުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރު ތަންފީޒުކުރެއްވުމުގައިވެސް ކުރިއަށްއޮތް ތަނުގައި ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ކޮންމެހެން ޢައްޔަންކުރައްވަން ޖެހިވަޑައިގެންފި ޙާލަތެއްގައިވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓަރސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް، މިންގަނޑުތަކެއް ގެންގުޅުއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފެށުނީއްސުރެވެސް އެމަނިކުފާނު އިސްކަންދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.