ކުރިން އިއުލާންކުރައްވާފައިވާ އިސްލާހުތަކާއި، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންތިހާބުގެ ކުރިން ސަރުކާރުން އިއުލާންކުރައްވާފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އާބާދީ ބޮޑުވާވަރަކަށް އިތުރުވަމުންދާ ދިއުން މަދުކުރުމާއި، އަންހެނުންނާއި ޒުވާނުންގެ ކޯޓާ އެކަށައެޅުމާއި، ޝަރުޢީ ނިޒާމުގެ މުސްތަގިއްލުކަން ކަށަވަރުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖުޑިޝަރީ ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ކޮންޓްރޯލް ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ( ޑީ.ޖޭ.އޭ ) އޮންނަ އޮތުމަށް އިސްލާހްގެންނެވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޖުޑީޝަލް ކައުންސިލް އަލުން ރީއިންސްޓޭޓްކުރެވޭނެ ގޮތަކަށް ގާނޫނުތަކަށް އިސްލާހް ގެނައުމާއި އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާތަނަކަށް ޑީ.ޖޭ.އޭ ބަދަލުވެގެން ދިއުމާއި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލް އަދި ސުޕްރީމް ކޯޓުގެ އެންމެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ކަމަށް ވުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅުބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ގާނޫނު ތަކަށް ގެނެސްފައިވާ ބަދަލުތަކުން، ދަށުކޯޓުތަކުގެ އިސްފަނޑިޔާރަށްވުރެ އެޑްމިނިސްޓްރޭޓަރ ގެ ބާރު ގަދަކަމަށާއި، މިފަދަ ކަންކަމަކީ ޖުޑީޝަރީގެ ހިންގުމަށް އަސަރުކުރާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާހީ ބަދަލުތަކެއް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އެކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.