English Edition
Dhivehi Edition
ޖަޕާނަށް މިއަދު އައި ބިންހެލުން

ޖަޕާނުގެ އިރުމަތީ އައްސޭރިފަށަށް މިއަދު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އެ ގައުމުގެ ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

މި ބިންހެލުމާއި ސުނާމީގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހާމަކޮށްފައެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން މައުލޫމާތު ދޭ ގޮތުގައި، މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.4 ގައެވެ. ބިންހެލުން އައިސްފައިވަނީ ކަނޑުގެ އަޑިން 40 ކިލޯމީޓަރު ފުނަށެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ނެރުނު ސުނާމީގެ އިންޒާރުގައި ބުނެފައިވަނީ، ފުކުޝީމާ އަދި މިޔާގީ ޕްރިފެކްޗަރގެ އައްސޭރިފަށަށް 3 މީޓަރު (ގާތްގަނޑަކަށް 10 ފޫޓު) ގެ އުސްމިނެއްގައި ރާޅު އެރުން އެކަށީގެންވާ ކަމަށެވެ. ބިންހެލުން އައިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް 1 މީޓަރުގެ ރާޅު އަރާފައިވާކަމަށް ޖަޕާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.