ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަންދެން ތިބޭނީ މަގުމަތީގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަމުން މިދާ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރޭ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް ވިދާޅުވީ ރަށްރަށުން މީހުން ދަނީ މާލެ އަންނަމުން ކަމަށާއި މިކަމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަންޖެހޭކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ބޮޑެތި މައްސަލަތަކެއް އިދިކޮޅު ފަރާތްތަކާ އެއްކޮޅަށް ސުޕްރީމް ކޯޓުން ރޭ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ދަނީ އުފާފާޅުކުރަމުންނެވެ.
ސުޕްރީމް ކޯޓުން ރޭ ކުރި ޙުކުމުގައި ސިޔާސީ އެކި ކުށްކުށުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ރޭ ވަނީ ޙުކުމް ކޮށްފައެވެ.