English Edition
Dhivehi Edition
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ވީރަން ރާއްޖެ' އާ އެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއްގާއިމް ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ‘ވީރަން ރާއްޖެ’ އާ އެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް މިއަދު ގާއިމްކޮށްފިއެވެ. މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން ރާއްޖެ އިން އިންތިޒާމުކުރާ ‘ކޯޕަރޭޓް ރަން’ އަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން ވީރަން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ވީރަން ރާއްޖެ އިން ބާއްވާ ފުރަތަމަ ދުވުން މިއަހަރުގެ ތެރޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ކޯޕަރޭޓް ރަން އަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ރިލޭ ރޭހެކެވެ.

ބޭންކުން ބުނި ގޮތުގައި މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ރޭހުގައި ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭއިރު، ކޮންމެ ދުވުންތެރިއަކު 1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަން ޖެހޭނެ އެވެ. މިއީ މަސައްކަތުގެ މާހައުލުން ބޭރުގައި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ ހަރަކާތެއް ކަމަށް ބޭންކުން ބުންޏެވެ.