English Edition
Dhivehi Edition
ރައީސް މުއިއްޒު: ފޮޓޯ ރައީސް އޮފީސް

ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ މެސެޖެއްގައި، ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް ކުޅިވަރުގެ ދާއިރާގެ ކުރިއެރުން ވަރަށް މުހިންމު ކަމަށް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މި މެސެޖުގައި އެމަނިކުފާނު ވަނީ ކުޅިވަރަކީ ގައުމީވަންތަކަމުގެ މުހިންމު ތަނބެއް ކަމަށް ސިފަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކުޅިވަރަކީ ޒުވާނުން ބާރުވެރިކުރުވައި، މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ އެއްޗެއް ކަމަށެވެ. އަދި ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ރަނގަޅު އަހުލާގާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އުފެދި، އޭގެ ސަބަބުން ދުޅަހެޔޮ އަދި ބޭނުންތެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމުގެ އިގުތިސާދީ ކުރިއެރުން ހޯދުމަށާއި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ބާރު ބޭނުންކޮށްގެން ގައުމަށް އިތުރު ކާމިޔާބީތަކާއި ސުލްހަވެރިކަން ހޯދުމަށް އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.