ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުހައްމަދު ނަޖާހް ވަކިކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު ވަކިކުރިކަން ހާމަކޮށްފައެވެ. ނަމަވެސް ނަޖާހު ވަކިކުރި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކުރިން ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ނަޖާހު ފެނަކަ އެމްޑީކަމުގެ މަގާމަށް އައްޔަންކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ.
ނާޖާހަކީ މި ސަރުކާރުގައި ފެނަކައަށް އައްޔަންކުރި ދެވަނަ އެމްޑީއެވެ. އޭގެކުރިން އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ފުރަތަމަ ހުންނެވި މުއާޒު މުހައްމަދު ރަޝީދު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނިމިގެން ދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ފެނަކައަށް ނަގާފައިވާއިރު، މިހާރުވެސް ފެނަކައަކީ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު ބޮޑު ގެއްލުމެއްގައި ހިންގާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.