މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދައިގެން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.
މިފްކޯ އިން ބުނީ، މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
މިދިޔަ މާޗް މަހުގެ ކުރިން ތެޔޮ ލީޓަރެއް ލިބިފައި ވަނީ 11.57 ރުފިޔާއަށް ހުރި ނަމަވެސް މިހާރު ތެޔޮ ލީޓަރެއް ލިބެމުން ދަނީ 14.32 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެއެވެ.
ތެޔޮ ލިބޭ އަގު އުފުލިގެން ދިއުމާ އެކު މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައި ކުރީގެ އަގަށްވުރެ 1 ރުފިޔާ ބޮޑުކޮށް 18.50 ރުފިޔާއަށް ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 800 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެއެވެ.