English Edition
Dhivehi Edition
ނައްޓޭގެ ދެވަނަ ލަނޑާއެކު ޓީމު ކުޅުންތެރިން ނައްޓޭ ބައްދާލާއިގެން، އޭއޯ ނިއުސް ފޮޓޯ ޢަލީ ނާޞިރު

ކުޅިވަރަކީ ހަމައެކަނި ހަރަކާތެއްކަމުގައި ނުދެކި، ކުޅިވަރުގެ ޒަރީއާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްހަ މަސަލަސްކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

“އިންޓަނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް” ގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، މިދުވަސް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ސުލްހަ މަސަލަސްކަމާ އެއްބައިވަންތަކަން ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުޅިވަރަކީ، ގައުމު ތަކުގެ އިންތައް، ފަހަނައަޅައިދާ އެއްޗެއް ކަމުގައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުޅިވަރަކީ މަސްތުވާތަކެތި ބޭނުންކުރުމާ، ކަރަޕްޝަން އަދި މާރާމާރީފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް ކަމުގައެވެ. ހަމަ މިޔާއެކު، ޒުވާނުންގެ ކިބައިގައި ރިވެތި އަހްލާގާއި، ވިލުންތެރިކަމާ، އަދި ގުޅިގެން މަސައްކަތްކުރުމުގެ އާދަޔާ، އިހްތިރާމްކުރުމުގެ ސިފަހަރުލެއްވުމާއެކު ސިއްހީ ގޮތުން ދުޅަހެޔޮ، ހަރުދަނާ ދިރިއުޅުމެއް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގައި ކުޅިވަރު އަދާކުރާ ދައުރުގެ ސަބަބުން ގައުމީ ތަރައްގީއަށް މަގުފަހިވެގެންދާކަމުގައެވެ.

މީގެ އިތުރުން ރައީސް ވވަނީ، ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތަކަށް ގެންނަމުންދާ ކުރިއެރުމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ގާނޫނެއް ވުޖޫދު ކުރެވުމާ، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑެއް ގާއިމުކުރުމާ، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯރޑުގެ ސަބަބުން، މޮޅެތިކުޅުންތެރިން އުފެދިގެންދިޔުމާ، ކަމަށް ކަމޭހިތުމާއި، ނަތީޖާއާ ހަމަޔަށް ވާސިލުވަންދެން ގަދައަޅާ މަސައްކަތްކުރުމާ، ކާމިޔާބުހޯދުމާއި ހިތްވަރު ލިބިގަތުމުގެ ރޫޙު އާލާ ކުރުމުގެ ސަގާފަތެއް، ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި، އުފެދިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުކުޅޭ މުޖުތަމައަށް ބޭނުންވާނެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި، އަރުތަ ސްކޮލާޝިޕާއި، އަދި މިންތީގެ ތަފާތުކުރުމެއްނެތި، ގައުމީ ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްދިނުމަކީ، ސަރުކާރުން އިސްނަންގަވައިގެން ކުޅިވަރު ތަރައްގީ ކުރެއްވުމަށް ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ވިދާޅުވެފައިވަނީ، ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެނަދަވާނެ ކަމުގައެވެ. އެގޮތުން، އެންމެންގެ ބައިވެރިވުމާއެކު، ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިޔަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުން، ދުޅަހެޔޮ، އެކުވެރި އަދި ކުރިޔަށް ދިޔުމުގެ ރޫހު އަށަގަނެފައިވާ ވިސްނުމެއްގެ ޒަރީއާއިން، ގައުމަށް އިތުރު ކާމިޔާބީއާއި، ހަމަޖެހުން ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.