English Edition
Dhivehi Edition
އަހުމަދު މުހައްމަދު (ޓޫފޯ)

މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، ފުލުހުންގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ އަހުމަދު މުހައްމަދަށް މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން މިކުރެއްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ކުއްލި ގޮތަކަށް ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ކުރިމަތިލުމަށް ދެ ފަހަރެއްގެ މަތިން އިއުލާން ކުރުމުން، އަހުމަދު މުހައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް، ޕޮލިސް ބޯޑުން އިންޓަވިއުތައް ކުރުމަށް ފަހު، މި މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރުމަށް ހޯމް މިނިސްޓްރީގެ މިނިސްޓަރު އަލީ އިހުސާނަށް ވަނީ ލަފާދީފަ އެވެ.

އަހުމަދު މުހައްމަދަކީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިން ކޯހާއި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް ފުރިހަމަކުރައްވާފަ އެވެ. މީގެ އިތުރުން، އޭނާ ވަނީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލްކުރައްވާފަ އެވެ. މި ސަރުކާރުގައި މީގެ ކުރިން ސީޕީގެ މަގާމު ފުރުއްވީ އަލީ ޝުޖާއު އަދި އިސްމާއިލް ނަވީން އެވެ.

ޓެގު