ނޭޝަނަލް ސެޓްފިކެޓް 3 އިން ‘ފުޑް އެންޑް ބެވަރެޖް ސާރވިސް’ އަދި ނޭޝަނަލް ސެޓްފިކެޓް 4 އިން ‘ފުޑް އެންޑް ބެވަރެޖް ސާރވިސް’ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ(ޓިވެޓް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގެ ދަށުން 2018 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ބެޗް ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި މި ކޯސްތައް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމް.ކިއު.އޭ) ޤަބޫލުކުރާ ލެވެލް 3 ނުވަތަ 4 ގެ ސަނަދު ލިބިގެންދާނެކަމަށް އެ އޮތޯރިޓީ އިންވަނީ ބުނެފައެވެ
މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށް ވާތީ ކޯހުގެ ފީ ދައްކަން ނުޖެހޭނެކަމަށް އޮތޯރިޓީ އިން ވަނީ ބުނެފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓިވެޓް އޮތޯރިޓީގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް 12 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށްވަނީ އެދިފައެވެ
އެ އޮތޯރިޓީ އިން ބުނެފައިވަނީ ސެޓްފިކެޓް ތިނެއްގައި ބައިވެރި ވެވޭނީ ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށާއި އެ ކޯހުގެ މުއްދަތަކީ ހަ މަސް ދުވަސްކަމުގައެވެ. އަދި ސެޓްފިކެޓް ހަތަރެއްގައި ބައިވެރިވެވޭނީ ސާނަވީ އިމްތިހާނަކުން ތިން މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.އަދި ސެޓްފިކެޓް ހަތަރެއްގެ މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ