English Edition
Dhivehi Edition

އައްޑޫ އަދި ފުވައްމަލަކު ސިޓީ ހިމެނޭ ގޮތަށް ކުށް މަދުކުރުމަށާއި އަމާން މުޖުތަމަޢެއް ގާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު އަޙްމަދު ސާމީ ވިދާޅުވެއްޖެއެވެ.

އައު ކޮމާންޑަރގެ މަގާމަށް ހަމަޖެހުމާއި ގުޅިގެން ތައާރަފްވެ ގުޅުންބަދަހި ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލާ އިއްޔެ ކުރެއްވެވި ބައްދަލުވުމުގައި ސާމީ ވަނީ އައްޑޫސިޓީ ކައުންސިލުން ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވަވާފައެވެ.

އައްޑޫގައި އެކްސިޑެންޓްތައް ދިމާވާ ނިސްބަތް ގިނަކަން ފާހަގަ ކުރެވޭ ކަމަށާއި، އިސްކަމެއްގެ ގޮތުގައި އެކަން ދެކި ނުރައްކާތެރި އެކްސިޑެންޓްތައް މެދުވެރިވުން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ސާމީ ވިދާޅުވިއެވެ.

މީގެ އިތުރުން އެގޮތުން މިހާރު ފުލުހުން ތަރުތީބު ކުރެވިފައިވާ ގޮތަށް ބަދަލުތަކެއްގެނެސް ކޮންމެ ޑިއުޓީ ގަޑިއެއްގައި އުޅޭ ފުލުހުންގެ އަދަދު އިތުރު ކޮށްފައިވާ ކަމުގައިވެސް ކޮމާންޑަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި، މޭޔަރ ވިދާޅުވީ، ފުލުހުންނާއެކު ވަރަށް ގާތްގުޅުމެއް މިހާތަނަށްވެސް ކައުންސިލުން ބޭއްވި ކަމަށާއި މިސިޓީ އަކީ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރައްވާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައެވެ. އައްޑޫގައި މިހާރު ކަންކަން ހުރި ގޮތް ކައުންސިލުން ވަނީ އައު ކޮމާންޑަރަށް އޮޅުންފިލުވާ ދެއްވާފައެވެ.

ދެކުނު ޑިވިޝަން ކޮމާންޑަރަކަށް ސާމީ އައްޔަންކުރެވި، އައްޑޫއަށް ވަޑައިގަތީ ފާއިތުވި އަހަރު ޑިސެމްބަރު މަހުގައެވެ. އޭގެ ކުރިން އެބޭފުޅާ ހުންނެވީ އުތުރުގެ ޑިވިޝަން ކޮމާންޑަރުގެ މަޤާމުގައެވެ.