ފާތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 11 މީހަކު ހައްޔަރުކޮށް، ވައްކަމާއި އެކި ކުށްތަކާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތުން ވައްކަމާއި އެކި ކުށްތަކާ ގުޅުންހުރި 231,000 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާން ވިދާޅުވީ މާލެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުން މެދުނުކެނޑި ފޯރިމެރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި މިކަމުގައި އާންމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ކުށް މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.