English Edition
Dhivehi Edition

އައްޑޫ ސިޓީގެ މެޖިސްޓްރޭޓް ކޯޓްތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނާ އައްޑޫ ސިޓީ ޕޮލިސްގެ ފަރާތުން ބައްދަލުވުމެއް ބާއްވައިފިއެވެ. މިދިޔަ އަންގާރަ ދުވަހުގެ އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގައި ބޭއްވި މި ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝަރީފް އަދި އައްޑޫ ސިޓީ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ ގެ އިތުރުން އައްޑޫ ސިޓީ ޕޮލިސްގައި މަސައްކަތްކުރައްވާ ސީނިއަރ ފުލުހުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓާއި، އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓާއި، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 2 މެޖިސްޓްރޭޓަކާއި، އަދި އައްޑޫ ސިޓީ އިސް މެޖިސްޓްރޭޓް ބައިވެރިވެލައްވާފައިވެއެވެ. މިބައްދަލުވުމުގައި މިހާރު ދިމާވާ މައްސަލަތަކާއި މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އަދި މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރުމަށާއި ކޯޓްތަކާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން ދިނުމާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.