English Edition
Dhivehi Edition
ދިރާގު ހެޑް އޮފީސް - ފޮޓޯ: ގެޑޯރ ކޮންސަލްޓިންގ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުތަނަވަސް ހާދިސާތަކާ ގުޅިގެން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އާއިލާތަކާއި ރައްޓެހިންގެ ހާލު ބަލާލުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން 30 މިނިޓުގެ ހިލޭ ކޯލު ކުރެވޭނެ ގޮތް ހަމަޖައްސައިދީފިއެވެ.

ދިރާގުން ބުނި ގޮތުގައި މިއީ ދަތި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ޔޫއޭއީ އަދި ސައުދީއަށް ގުޅުމަށް ޖުމްލަ 30 މިނިޓު މުޅިން ހިލޭ ލިބޭނެއެވެ. މިއީ މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް އެ ކުންފުނިން ނިންމި ނިންމުމެކެވެ.

މި ހިލޭ މިނިޓުތައް ހޯދުމަށް ކަސްޓަމަރުންނަށް #225* އަށް ޑައިލްކޮށްގެން މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ވަންދެން މި ފޯނު ކޯލުތަކުގެ މިނިޓުތައް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އާއިލާތަކާ ގުޅުން ބަދަހިކުރުމަށް ދިރާގުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް މިފަދަ ބިރުވެރި އަދި ނުތަނަވަސް ވަގުތުތަކުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.