ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫންކަމަށާއި މިއީ ޖިހާދުގެ މައްސަރެއްކަމުގައި ހުތުބާގައި ބުނެފިއެވެ.
އިއްޔެގެ ހުތުބާގައިވަނީ މިއީ އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު ކަމަށާއި މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާކަމަށެވެ. އަދި ރަމަޟާންމަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫންކަމަށާއި އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރާ ދާންވީ މައްސަރުކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަސްރާއި ކާމިޔާބީތައް ހާސިލުކުރި މައްސަރު ކަން ފާހަގަކޮށް ހުތުބާގައިވަނީ އިސްލާމީ ތާރީހު ބަދަލުކޮށްލި މަޝްހޫރު ބަދުރު ހަނގުރާމައާއި މީގެ އިތުރުންވެސް އެތައްއެތައް ހަނގުރާމައެއް ރަމަޟާންމަހުގައި ހިނގައި އެތައްއެތައް ކާމިޔާބީއެއް މުސްލިމުން ހޯދައިފައިވާކަން ފާހަގަކޮށްފައެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ މުސްލިމު މުޖުތަމައުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެކަމަށް ބުނެފައެވެ.