އައްޑޫ ސިޓީގައި ޑެންގޫ ހުން ފެތުރުން އިތުރުވަމުން ދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންގައިފިއެވެ.
އޭއީއެޗް އިން ބުނީ މި ވަގުތު އެންމެ ގިނައިން ޑެންގީ ކޭސްތައް ފެންނަނީ ހިތަދޫ އާއި ފޭދޫން ކަމަށެވެ. އެގޮތުން ފޭދޫގައި ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ފެނިފައި ވާއިރު އެ ބަލިޖެހިގެން ފުރާނައަށް ނުރައްކާވާ ފަހަރުވެސް އާދެއެވެ. އަދި ބަލިޖެހިގެން މީހުން މަރުވެފައި ވެސްވެއެވެ.
މި ބަލިން ރައްކާތެރިވުމަށް، މަދިރި ހެފުމުން ދުރުކޮށްދޭ ވަސީލަތްތައް ބޭނުން ކުރުމާއި ވަށައިގެންވާ މާހައުލުގައި މަދިރި އާލާވާފަދަ ތަންތަން ހުރިތޯ ބަލައި އެ ތަންތަނާއި ތަކެތި ހުރިނަމަ ނައްތާލުން މުހިއްމެވެ.