ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމުން ބާއްވާ ބައި-އިލެކްޝަންގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރައްވަން، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ނިންމަވައިފިއެވެ.
މި އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައި ސިނާން ވަނީ އޭނާގެ ކެމްޕޭން މަސައްކަތްތައް ފައްޓަވާފައެވެ. ސޯޝަލް މީޑިއާގައި ސިނާން ކުރެއްވި ޕޯސްޓެއްގައި ވަނީ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.
“މި އިންތިހާބުގައި އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ ލޮބުވެތި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހްލާސްތެރި އެއްބާރުލުމަށް އަޅުގަނޑު ނުހަނު ބޮޑަށް އެދި ދަންނަވަމެވެ.”ސިނާން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ބައި-އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ.