ރާއްޖޭގެ އިގްތިސޯދީ މައިގަނޑު ދާއިރާތައް ކުރިއެރުވުމަށް ސަރުކާރުން އެކުލަވާލި އާ އުސޫލެއްގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި އެތެރެކުރާއިރު ނަގާ އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީތައް މައާފުކުރުމަށް ނިންމައިފިއެވެ.
މިއަދު އާންމުކުރި މި އުސޫލުގައިވާ ގޮތުން، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ފަރާތްތަކުން އެ ސިނާއަތް ތަރައްގީކުރުމަށް ގެންނަ ތަކެތިން ޑިއުޓީ، ރޯޔަލްޓީ އަދި ރެވެނިއު ފީ މައާފުކޮށްދެވޭނެއެވެ. މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދަނޑުވެރިކަން ކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ވެސް މި ލުއިތައް ލިބިގެންދާނެއެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިމްޕޯޓަށް ބަރާސާވާ މިންވަރު ކުޑަކުރުމެވެ. މިގޮތުން ޑިއުޓީ މައާފުކޮށްދެވޭ ތަކެތީގެ ތެރޭގައި އެ މަސައްކަތްތަކަށް ބޭނުންވާ ކެޕިޓަލް އިކުއިޕްމެންޓާއި، ސްޕެއާ ޕާޓްސް އަދި އެހެނިހެން ސަޕްލައިސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެކުލަވާލި މި އުސޫލުގެ ދަށުން ފީތައް މައާފުކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކާއި، ލޯކަލް ކައުންސިލްތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކަށެވެ. މީގެ އިތުރުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ގެންނަ ތަކެތިން ވެސް ޑިއުޓީ މައާފުކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އާ އުސޫލުގެ ސަބަބުން މަސްވެރިންނާއި ދަނޑުވެރިންނަށް ކުރިމަތިވާ މާލީ ބުރަ ކުޑަވެ، ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.