ރޯދަ މަހާ ދިމާކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އާ ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ހުޅުމާލޭގެ ރެއިން ކޮރަލް ރެޒިޑެންސްގައި ހުޅުވި މި ފިހާރައިން އެސްޓީއޯ އިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތެއް ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކާބޯތަކެތީގެ އިތުރުން، އެސްޓީއޯ އިން އެތެރެކުރާ މަޝްހޫރު ބްރޭންޑްތަކުގެ އިލެކްޓްރޯނިކް ސާމާނާއި ހޯމް އިމްޕްރޫވްމަންޓްގެ އުފެއްދުންތައްވެސް މި ފިހާރައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެސްޓީއޯ އިން ބުނީ މި ފިހާރައިގެ ސަބަބުން ރޯދަ މަހު އާންމުންނަށް މުދާ ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ބޭނުންވާ ހޯލްސޭލް ހިދުމަތްވެސް މި ފިހާރައިގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ރޯދަ މަހާ ދިމާކޮށް ހުޅުވި ފިހާރައެއް ނަމަވެސް، މިއީ ދާއިމީކޮށް ހިދުމަތް ދޭނެ ތަނެކެވެ.