ރާއްޖޭގައި ވޭޕް މަނާކުރުމާއި ދުންފަތުގެ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެން، އެމެރިކާގެ މަޝްހޫރު “ޓައިމް” މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚްސިއްޔަތުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
“ޓައިމް100 ހެލްތު” ގެ ނަމުގައި އެ މެގަޒިންއިން ނެރުނު މިއީ ތިންވަނަ އަހަރީ ލިސްޓެވެ. މި ލިސްޓުގައި ހިމެނެނީ ދުނިޔޭގެ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާ އަދި ނުފޫޒުގަދަ ފަރާތްތަކެވެ.
ރައީސް މުއިއްޒު މި ލިސްޓުގައި ހިމެނިވަޑައިގަތީ، ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް، ވަކިން ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ. އެގޮތުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމާއި، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރެއްވުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅައި، 2007 ވަނަ އަހަރަށްފަހު އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް ގާނޫނަށް ގެނައި ތާރީޚީ ބަދަލު “ޓައިމް” މެގަޒިންއިން ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މީގެ ކުރިން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް އަރުވާފައެވެ. މި ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސިއްހީ ސިޔާސަތުތަކަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.