ބައިނަލްއިންޓަނޭޝަނަލް އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން އެކަށައަޅާފައިވާ ހުރިހާ ސިޔާސަތުތަކެއް ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ. އައްޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން ލާމަރުކަޒީ ގާނޫނަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ މަގު ފަހިކޮށްދީ، ކޮމިޓީތަކަށް ލިބޭ އެލަވެންސް 5 ޕަސަންޓުން 10 ޕަސަންޓަށް ބޮޑުކޮށްދީފައިވަނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކޮމިޓީގެ ރައީސާއަކީ އެންމެންގެ ވޯޓުން ހޮވޭ މެންބަރަކަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އަންހެނުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން އެކި ކަހަލަ ލޯނުތައް ދޫކުރަމުންދާ ކަމަށެވެ. އަދި މި އަހަރަށްވެސް މިފަދަ އެތައް މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށާއި، ރިޔާސީ ބަޔާނުގައިވެސް އެކަންކަން ފާހަގަކުރައްވާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.