މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުންކުރުން އާންމުވެ، އެ ކުދިން ކުރާ ކަންތައްތައް ބެލުމަށް ބެލެނިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
ވަކިން ހާއްސަކޮށް ޔޫޓިއުބާއި، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ފާހިޝް ބަސްތަކާއި ނުބައި އަމަލުތައް ދަސްވަމުންދާ ކަމަށާއި، މީގެ ސަބަބުން ކުދިންގެ އަހުލާގަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.
ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާކުރަން ޖެހޭކަން ފާހަގަކޮށް، ފޭސްބުކް، އެކްސް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް 16 އަހަރުން ދަށުގެ ކުދިން ވަނުން މަނާކުރާ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ޕެޓިޝަންގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން، ގާނޫނާ ހިލާފަށް ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ، ބެލެނިވެރިންނާއި ކުދިންނަށް ކައުންސެލިން ދެވޭނެ ނިޒާމެއް ގާއިމްކުރުމަށާއި، އެކަން ތަކުރާރުވާ ނަމަ ފެމިލީ މިނިސްޓްރީއަށް ހާއްސަ ބާރުތަކެއް ދީގެން އެ މައްސަލަ ބެލޭނެ ގޮތް ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ތައުލީމީ މަރުކަޒުތަކުގެ މާހައުލު ރައްކާތެރިކުރުމުގެ ގޮތުން ސްކޫލްތަކާއި ކޮލެޖުތަކަށް މޮބައިލް ފޯނު ވެއްދުން މަނާކުރާ ގަވައިދެއް ހަދައި، އެ ގަވައިދަށް އަމަލުކުރަން ފެށުމަށް ވެސް ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.
ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ބަހުސް ދުނިޔޭގެ ފެންވަރުގައި ބޮޑުވެފައިވާ އިރު، މިދިޔަ ޑިސެމްބަރު މަހުގެ 10 އިން ފެށިގެން އޮސްޓްރޭލިއާގައި ވަނީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ. މިއީ މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ. އޮސްޓްރޭލިއާގެ މި ނިންމުމާ އެކު، ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކަކުން ވެސް މިހާރު އަންނަނީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންނެވެ.