English Edition
Dhivehi Edition

ދިވެހިރާއްޖެއަށް ކައްކާ ގޭސް ސަޕްލައިކުރާ މައި ކުންފުނި، މޯލްޑިވް ގޭސްއިން ޚިދުމަތް ދިނުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

ސިލްސިލާކޮށް ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގޭސް ލިބުން ދަތިވެފައިވަނީ ނޭނގި އޮވެގެންނެއް ނޫނެވެ.

އެގޮތުން ރައީސް ޔާމީން ތުހުމަތު ކުރެއްވީ، ރާއްޖޭގައި ގޭސް ތަދުކޮށްފައިވަނީ ވަކި ބަޔަކަށް މާލީ މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ގަސްތުގައި ކަމަށެވެ. އަދި މިކަމަކީ ކޮންމެވެސް ފަރާތަކަށް ‘ބައި އެޅޭނެ’ ގޮތަށް ރޭވިގެން ހިނގާފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، ގޭސް އަގުހެޔޮ ކުރުމަށް ސަރުކާރުން ގޭސް ގެނެސްގެން ވިއްކާކަށް ނުޖެހޭ ކަމަށާއި އެގޮތަށް ވިއްކާނަމަ، ދެފުށްފެންނަ ގޮތަށް ކުރިއަށްގެންދަން ބައިވަރު މަރުހަލާތަކެއް އޮންނަކަމަށެވެ.

ނަމަވެސް، ރާއްޖޭގައި ގޭސް ނެތިގެން ނުވަތަ މަދުވެގެން ‘ޖެހުނު ތަނަކުން’ ގަންނައިރު، ކޮރަޕްޝަނަކަށް ނުބަލާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި، އެ ހާލަތުގައި ‘ބައި އެޅުމަށް’ މަގުފަހިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި 1.2 ބިލިއަން ޑޮލަރު ހުރި ނަމަވެސް، ސަރުކާރުން ގަސްތުގައި ރާއްޖެއަށް ގޭސް އެތެރެނުކޮށް ހިފަހައްޓާފައިވާ ކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައި އެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި އުފައްދާފައިވާ މަސްނޫއީ ދަތިކަމެކެވެ.

ރައީސް ޔާމީން މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ މޯލްޑިވް ގޭސްއަށް އޯޑަރު ކުރުމުން ގޭސް ލިބުން އާދަޔާ ހިލާފަށް ލަސްވަމުންދާ ކަމަށް ބުނެ އާންމުންގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި އެވެ.

ބައެއް ކަސްޓަމަރުން ފާހަގަކުރި ގޮތުގައި ގޭސް ފުޅިއަކަށް އޯޑަރު ދިނުމަށްފަހު ހަތް ގަޑިއިރު ފަހުން ވެސް ގޭސް ނުލިބޭ ހާލަތްތައް ދަނީ ދިމާވަމުންނެވެ. ކުންފުނީގެ ކޯލް ސެންޓަރުން ވެސް ގޭސް ލިބުމުގައި ދަތިތަކެއް އުޅޭކަމަށް އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، މޯލްޑިވް ގޭސްގެ ބައެއް މުވައްޒަފުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އަމިއްލަ ސްޓޮކް ހުސްވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންކަމުން، މިހާރު ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެނީ ވިލާ ގޭސް އަތުން ގަނެގެން ކަމަށް ވެސް އެ މުވައްޒަފުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވް ގޭހުގެ އަމިއްލަ ގޭސް ރިޒާވް އާކުރުމަށް ބޭނުންވާ ޝިޕްމަންޓް ރާއްޖެ އަންނާނީ މި ހިނގާ މަހުގެ 15 ވަނަ ދުވަހު ކަމަށް ވަނީ އެނގިފައެވެ.

މީގެ އިތުރުން، އެ ކުންފުންޏާ ގުޅުންހުރި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޯޑަރު ދިން 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓަކަށް އެޑްވާންސްގެ ގޮތުގައި ދެއްކި ގާތްގަނޑަކަށް 250،000 ޑޮލަރު ގެއްލިފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާކަން މިދިޔަ އޭޕްރިލް މަހު ވަނީ ހާމަކޮށްފައެވެ.