ކ. ތިލަފުށީގެ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހަކު މަރުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ މީހާ ފިލައިގެން ދާން އުޅޭކަމުގެ ތުހުމަތު ކުރެވޭތީ، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އަމީން މިއާ ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެވަގުތު އެކްސްކަވޭޓަރު އޮޕަރޭޓްކުރަމުންދިޔަ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 7 ދުވަސް ހަމަވުމުން، ކޯޓުން މިހާރު ވަނީ އިތުރު 10 ދުވަސް ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހެކިބަސް ދީފައިވާ ފަރާތެއްގެ ބަޔާނަށް ބަލާއިރު ހެޝަން ފިލައިގެންދާން އުޅޭކަމަށް ބެލެވެއެވެ. އަދި އައިއޯ ފާހަގަކޮށްފައިވާ ގޮތުގައި އޭނާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައިވަނީ ވެސް ގަވާއިދާ ޚިލާފަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހި ވެއްޓުނު ނަމަވެސް، އޮޕަރޭޓަރު ވަނީ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައެވެ. އޭގެ ސަބަބުން ކުނިތަކުގެ ދަށުވެ އަމީން ނިޔާވީއެވެ.