މަޝްހޫރު ގިޓަރިސްޓް އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) ބޭންޑާ ވަކިވިތާ މާގިނަ ދުވަހެއް ނުވެ، މިއުޒިކް ބޭންޑް “2 އޮފް އަސް” އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެއީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު ހަދާފައިވާ އެމްބެސެޑާޝިޕް އެއްބަސްވުން ވަގުތީ ގޮތުން މެދުކަނޑާލުމެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކުރި މި ޝަރަފުވެރި މަގާމުން އެ ބޭންޑް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މައްސަލަ ގޯސްވީ ކީއްވެ؟
މިކަން ދިމާވީ ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް، ބޭންޑުގެ މުހިންމު މެމްބަރެއް ކަމަށްވާ ޝަހީދު ލެގަސީ މިދިޔަ މަހު ބޭންޑާ ދުރަށް ދިޔަ ހިސާބުންނެވެ. ޝަހީދު ބުނެފައިވާ ގޮތުގައި އޭނާ ވަކިވާން ޖެހުނީ:
ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާތީ.
އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދޭތީ.
މި ވާހަކަތައް ފެންމަތިވުމާއެކު، ވީއެމްސީން ވަނީ އެ ބޭންޑާ މެދު ފެތުރެމުންދާ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިޒިޓް މޯލްޑިވްސްއަށް ކުރާތީ އެމްބެސެޑާޝިޕް މެދުކަނޑާލާފައެވެ.
ބޭންޑް ރޫޅި ހުސްވަނީ
ޝަހީދުގެ އިތުރުން، އޭގެ ކުރިން ލީޑް ވޯކަލިސްޓް ނަސޫހު، ޖަޝީމް އަދި ހިޝާމް ވެސް ވަނީ ބޭންޑުން ވަކިވެފައެވެ. އެ މެމްބަރުން ވެސް ވަނީ މެމްބަރުންނަށް ބަރާބަރަށް ފައިސާ ނުދޭ ކަމުގެ ތުހުމަތުކޮށް، ބޭންޑު ހިންގަނީ “އެކަކު ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި” ކަމަށް ބުނެފައެވެ.
ފަސް މެމްބަރުންނާއެކު ފެށި ކާމިޔާބު ބޭންޑުގައި މިހާރު ތިބީ އެންމެ ދެ މެމްބަރުންނެވެ.