ފިތުރުޢީދުގެ އުފާ އެންމެން އެކުއެކީ ފާހަގަ ކުރުމުގެ ގޮތުން އުރީދޫއިންވަނީ ނިމިގެންމިދިޔަ ޢީދުތެރޭ ޑިޖިޓަލް ޢީދުޝޯވ އެއް ބާއްވާފައެވެ. ޢާއިލާއާއި ރައްޓެހިން އަދި އަވަށްޓެރިންނަށް ޒިޔާރަތްކޮށް ހެދުމަށް ޢުޒުރުވެރިވެ ގޭގައި މަޑުކުރަން ޖެހިފައިވާ މި ދަނޑިވަޅު ދިމާވި ގޮންޖެހުންތަކާއެކުވެސް ގޭގައި ތިބެގެން އުފާވެރި ކުލަގަދަ ޢީދެއް އެންމެނަށް ހޯދައިދިނުމަށް އުރީދޫން ކުރިއަށް ގެންދިޔަ ކާމިޔާބު ޝޯވ ގައި އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ” ޑަންޑޫރާ ” ބޭންޑް ފެނިގެން ދިޔަ ދިއުން ވެގެންދިޔައީ އެތައް ބަޔަކަށް އުފާވެރިކަން ގެނުވި ކަމަކަށެވެ. ވަކިން ޚާއްސަކޮށް އައްޑޫސިޓީގެ ޒުވާނުންނާއި މިއުޒިކީ ދާއިރާއަށް ޝައުޤު ވެރިވާ ފަރާތްތަކަށް އާ ހިތްވަރެއް ލިބުނުކަމަކަށް މިކަން ވެގެންދިޔައެވެ.
އިހު އައްޑޫގައި ރޯދަމަހު ރޯދަ ވީއްލާ ވަގުތު އަންގައި ދިނުމަށް ހަރުއަޑުން ޖަހާ ބެރަކަށް އައްޑޫގައި ކިޔާ އުޅުނު ” ޑަންޑޫރާ” ގެ ރީތި އައްޑޫވަންތަ މި ނަމުގައި މުޅިން އާ ބޭންޑެއް ވުޖޫދުވި މިތާރީޚީ ޝޯވ ޚާއްސަވަނީ މިފަދަ އެތައް ސަބަބު ތަކަކާހެދިއެވެ.
ޝޯވ އިން ފެނިގެންދަނީ ރިސޯޓް މިއުޒިކުގައި މަޝްހޫރު ބޭންޑެއްކަމަށްވާ “ބްލެކްޕާލް”ގެ އަޙްމަދު ޢަބްދުﷲ އާއި ބޭސްގިޓަރ އިބްރާހީމްގެ އިތުރުން އިތުރު ތަޢާރަފެއް ބޭނުންނުވާ އައްޑޫ ސިނާ އެވެ. ވަގުތުން ހުށަހަޅައިދިން އެޝޯވ ގައި ބެރު ޖަހަމުން ސިނާގެ ރަން އަޑުން ވިރުވާ އަޅަމުން ދިޔަ ހުރިހާ ލަވައެއްވެސް ކިޔާފައިވަނީ އައްޑޫބަހުރުވައިން ކަން ފާހަގަ ކޮށްލެވުނެވެ. އަމިއްލަ ރާގު ހެދުމުގައިވެސް އައްޑޫސިޓީގައި އަރާހުރި ސިނާ، އެރޭ ހުށަހަޅައިދިން ހުރިހާ ލަވައަކީ ވެސް އޭނާގެ އަމިއްލަ ލިރިކްސްއާއެކު މުޅިން އަމިއްލަ ރާގު ތަކަކަށްވުން އެއީ މިބޭންޑްގެ ފަންނާނުންގެ ކުޅަދާނަކަން ހާމަވި ކަމެކެވެ.
އުރީދޫގެ ޢީދު ޝޯވ އިން ” ޑަންޑޫރާ ” އަށް ފުރުސަތު ފަހި ވުމާއެކު އެބޭންޑް ދިޔައީ ޝޯވ އަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. ސިނާގެ ފޭސްބުކް ޕޭޖްގައި ޕްރެކްޓިސް ސެޝަންތަކުގެ ފޮޓޯއާއި ވީޑިއޯ ކްލިޕް ހިމެނުމުން ވެސް ގިނަ ބަޔަކުވަނީ އެބޭންޑްގެ މަސައްކަތާމެދު ފަޚުރުވެރިވާކަން ހާމަކޮށް ތަޢުރީފު ކޮށްފައެވެ. ޑަންޑޫރާ ބޭންޑްގެ ފަންނާނުންގެ ކުޅަދާނަކަން ދައްކާލުމަށް ލިބުނު އެފުރުސަތަށްތަކައި ސިނާވަނީ އުރީދޫއަށް ޝުކުރު އަދާކޮށްފައެވެ.
މީގެ ކުރިން ވެސް ހިތަދޫގައި ބޮޑު މަޝްހޫރު ކަމެއް ހޯދި “ޔޫއެފްސީ” ބޭންޑް ހަދައިގެން 100 އަށްވުރެ ގިނަ އަމިއްލަ ލަވަ ކިޔާފައިވާ ސިނާ ، ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިއުޒިކީ ދާއިރާއިން އަލަށް ފެނުން ވެގެންދިޔައީ އޭނާއަށް ސަޕޯޓް ކުރާ ގިނަ ބަޔަކު އުފާވި ކަމަކަށެވެ. ހަމަ ޔަގީނުންވެސް އުރީދޫ ޢީދު ޝޯވ އާއެކު ސިނާގެ ޓީމުން އައްޑޫގައި ” ޑަންޑޫރާ” ޖަހައިފިއެވެ. އެއަޑުދެން ދާނީ ދުވަހަކަށްވުރެ ދުވަހެއް ބާރު ވަމުންނެވެ. އުރީދޫޢީދު ޝޯވް އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލުން ބަލާލެވޭނެއެވެ.