English Edition
Dhivehi Edition
ފޮޓޯ:ރައީސް އޮފީސް

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް ޑ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިން ވަނީ އޯޓިޒަމް އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެވޭގޮތް އިތުރަށް ހަރުދަނާ ކުރުމާއި، ވޮކޭޝަނަލް ތަމްރީނު ބޭނުންވާ ކުދިންނަށް އެ ފުރުސަތު ސްކޫލްތަކުން ލިބޭނެގޮތްވުމާއި، ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ހިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

ބެލެނިވެރިންގެ ފަރާތުން ހުށަހެޅުއްވި ބައެއް ކަންކަމުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ޤުރުއާން ކިޔެވޭނެ ގޮތްހެދުމާއި، ތެރަޕީގެ ހިދުމަތް ހަރުދަނާކޮށް، އެއްފުރާޅެއްގެ ދަށުން އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ތައުލީމާއި ހުނަރު ލިބިދެވޭނެ ސެންޓަރެއް ސަރުކާރުން ގާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުން ޑިސްއެބިލިޓީ ކައުންސިލް މިހާރު އުފެދިފައި އޮންނަ ގޮތް ބަދަލުކުރެއްވުމަށް ވެސް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިފައެވެ،

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވަރަށް ސަމާލުކަންދެއްވައިގެން ވީހާވެސް އަވަހަށް ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.