English Edition
Dhivehi Edition
އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރުގެ ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ޚާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ހާމަކުރާ ގޮތުގައި އުމްރާ ގްރޫޕްތައް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރުން ކުރިއަށްދާނީ ފެބްރުއަރީ 8 އިން 26 ގެ ނިޔަލަށް، ބޭންކު ހުޅުވާ ދުވަސްތަކުގައެވެ.

ޚިދުމަތް ދޭ ގަޑިއާއި ތަން:

  • ވަގުތު: ހެނދުނު 9:30 އިން މެންދުރު 12:30 އަށް.

  • ތަން (މާލެ): އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަ ސާވިސް ސެންޓަރު (ގްރައުންޑް ފްލޯ). އެތަނުން ކިއު ނަންބަރު ނެގޭނެއެވެ.

  • ތަން (އަތޮޅުތެރެ): އަތޮޅު ތެރޭގައިނަމަ އެ ރަށެއްގައި ހުންނަ ބީއެމްއެލް ބްރާންޗުން.

މި މުއްދަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބްރާންޗުތަކުން އުމްރާވެރިންނަށް ޑޮލަރު ވިއްކުން މެދުކަނޑާލާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ޑޮލަރު ނެގުމުގައި ސަމާލުކަންދޭންވީ ކަންކަން:

  1. ލިމިޓް: ކޮންމެ އުމްރާވެރިއަކަށް ގިނަވެގެން 500 ޑޮލަރު.

  2. ލިސްޓް: ޑޮލަރު ވިއްކާނީ ގްރޫޕްތަކުން ބޭންކަށް ހުށަހަޅާފައިވާ ލިސްޓުގައި ނަން ހިމެނޭ މީހުންނަށް އެކަންޏެވެ.

  3. ތަކެތި: ޑޮލަރު ނަގަން ދާއިރު އުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ގެންދަން ވާނެއެވެ.

  4. ބަދަލުގައި މީހަކު ދިއުން: އެހެން މީހެއްގެ ބަދަލުގައި ޑޮލަރު ނަގަން ދާނަމަ، ދާ މީހާގެ އައިޑީ ކާޑުގެ އަސްލު ވެސް ގެންދަން ޖެހޭނެއެވެ. އެކަކަށް ޖުމްލަ 5 މީހުންނަށް ޑޮލަރު ނެގޭނެއެވެ.

  5. ފައިސާ ދެއްކުން: ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލް ޑެބިޓް ކާޑުންނެވެ.

މި ޚާއްސަ އިންތިޒާމުގެ އިތުރުން، އާންމު އުސޫލުގެ ދަށުން ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިން ހަދައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ނެގުމުގެ ފުރުސަތު ވެސް އުމްރާވެރިންނަށް އޮންނާނެއެވެ.