English Edition
Dhivehi Edition
މުއިއްޒު އެއާޕޯޓުގައި: ފޮޓޯ ރައީސް އޮފީސް

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 9 އިން 13 އަށެވެ.

ދަތުރުފުޅުގެ މައިގަނޑު ކަންތައްތައް:

  • މަތީ ފަންތީގެ ބައްދަލުވުންތައް: ރައީސް މުޢިއްޒު، ޖަރުމަނުގެ ރައީސް ސްޓައިންމަޔަރ އާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެއެވެ.

  • ތަޤުރީރު ކުރެއްވުން: ބަރލިންގެ ހަމްބޮލްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، “މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ” މި މައުޟޫއަށް ރައީސް ތަޤުރީރު ކުރައްވާނެއެވެ. އަދި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސްގައި ވެސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

  • ވިޔަފާރި ފޯރަމް: މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއް ބާއްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ޖަރުމަނުގެ ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ރާއްޖެއާއި ޖަރުމަނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ދެ ގައުމުގެ ގުޅުން ގާއިމުކުރެވުނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.