English Edition
Dhivehi Edition
ތޮއްޑޫ ބޭރުގައި އަލަށް ގާއިމް ކުރި ވަދު ކަނދުފަތި

އއ. ތޮއްޑޫގެ ޒުވާން މަސްވެރިންނާއި، އެ ރަށުގައި ފުޅާވަމުން އަންނަ ސްޕޯޓްސް ފިޝިންގއަށް އަމާޒުކޮށްގެން، އެ ރަށު ބޭރުގައި އާ ވަދު ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މި ކަނދުފަތި އަޅާފައިވަނީ ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައެވެ. މިއީ ތޮއްޑޫގެ މަސްވެރިކަމުގެ ސިނާއަތަށް، ޚާއްސަކޮށް ވަދު މަސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ކަނދުފަތީގެ ނަންބަރަކީ H08V01-01 އެވެ. އަދި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

  • 04°29.500’N

  • 72°55.000’E

މި ކަނދުފަތި ޤާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ސަރަޙައްދުގެ މަސްވެރިކަން ތަރައްޤީކުރުމެވެ. މިކަމުގެ ސަބަބުން ތޮއްޑޫގެ ޒުވާން މަސްވެރިންނަށް ފަސޭހަކަމާއެކު މަސްވެރިކަން ކުރެވޭނެ މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ތޮއްޑޫއަކީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށަކަށް ވެފައި، “ސްޕޯޓްސް ފިޝިންގ” އަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ހަރަކާތަކަށް ވާތީ، މި ކަނދުފަތީގެ ސަބަބުން އެ ވިޔަފާރިއަށް ވެސް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއީ ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް މިފަދަ ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ހާމަކޮށްފައެވެ.