English Edition
Dhivehi Edition
ހެލްތް މިނިސްާޓަރު ނާޒިމް

އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެެ އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްހީ މަރުކަޒުތަކަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ހާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް މީގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމްވެފައި އޮތުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހެލްތް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށެވެ. އެގޮތުން ލޯންޗު ލިބިފައިނެތް 7 އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މިޖަނަވަރީ މަސް ނިމުމުގެ ކުރިން މި ދެންނެވި 7 އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ. މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު އެއީ ހުވަދު އަތޮޅުގެ ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށްދެވޭނެ. ބާކީ އިން 4 އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން އައުޓްރީޗް ޕްރޮގްރާމްތައް މިގެންގުޅޭ މަސައްކަތައް ލުއިކަން ލިބިގެންދާނެ. ހާއްސަކޮށް ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތެއްގައި ކުރަން ޖެހޭ ދަތުރުތައް މި ލޯންޗުތަކުން ކުރެވިގެންދާނެ” މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓްރު ވިދާޅުވީ މި މަސައްކަތަކީ ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ތަފާތު ހިދުމަތްތަކުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް 7 ލޯންޗެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެ ވުޒާރާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ކުރިއަށްދާކަމެއްކަމަށެވެ.

މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ހިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސާމްޕަލް ލެބޯޓްރީ ނެތް ރަށްރަށުން އެހިދުމަތް ލިބޭ ރަށްރަށް ގެންދިއުމަށް ބޭނުންކުރެވޭނެ އުޅަނދު ތަކެކެވެ. މީގެ އިތުރުން މި އުޅަނދުތައް ތައްޔާރުކުރެވިފައިވަނީ އެމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލަންޖެހިއްޖެ ޙާލަތެއްގައި އެކަމަށް ބޭނުންކުރެވޭނެފަދަ ގޮތަކަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ. އެޕްވެކްސް ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ލޯންތަކާއެކު، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗްތައް ފޯރުކޮށްދެވިގެންދާނެއެވެ. އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ އެކި ހިދުމަތްތައް އަވަސްކަމާއެކު އަތޮޅުގެ ރަށްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެހި، ހާއްސަ ދާއިރާތަކުގެ ޑޮކްޓަރުން އައުޓްރީޗް ޕްރޮގްރާމްތަކުގެ ދަށުން ރަށްތަކުގައި ބަލިމީހުން ބެލުމުގެ އިންތިޒާމްތައް ފަސޭހައިން ހަމަޖެހިގެން ދާނެއެވެ.

މޯލްޑިވްސް ހެލްޕް ލައިންގެ ދަށުން މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެއެވެ. ހުރިހާ އަތޮޅަކަށްވެސް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ބޯޓްތަކެއްކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.