ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ބެލެންސް ސާޕްލަސްއެއްގައި މާލީ އަހަރު ނިންމާލެވިއްޖެ ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ނިމުނުއިރު ޕްރައިމަރީ ބެލެންސް ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
މިއީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި އިންވެސްޓަރުން ބަލާ އެންމެ މުހިންމު އެއް މިންގަނޑެވެ. ޕްރައިމަރީ ބެލެންސްއަކީ ދަރަނީގެ އިންޓްރެސްޓް ހަރަދު ނުހިމަނައި، ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ފަރަގެވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ 8.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ކަމަށްވާއިރު، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ނަތީޖާ ހާސިލްކުރެވުނީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް 13.1 ބިލިއަން ރުފިޔާގައި ހުރިއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.
މާލީ ހާލަތު ރަނގަޅުވުމާއެކު، ދައުލަތުގެ ރިޒާވް ވަރުގަދަ ކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު އެ ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 91.2 ޕަސަންޓުގެ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތައް ހިމެނޭ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް” ރިޕޯޓު އާންމުކުރުން ލަސްވީ، 2025 ވަނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ރެކޯޑުކުރުމުގައި ޕަބްލިކް އެކައުންޓިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.