English Edition
Dhivehi Edition
ކޮންސްޓްރަކްޝަން މިނިސްޓަރު

ސަރުކާރުން އަލަށް ހުޅުވާލި “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ފޯމު ހުށަހެޅުމަށް ހުޅުވާލިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 400 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅައިފިއެވެ. ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން ހާމަކުރި ގޮތުގައި އިއްޔެ ހުޅުވާލި ފުރުސަތުގައި ފްލެޓަށް އެދި އެކަނި ވެސް 399 އެޕްލިކޭޝަން ވަނީ ލިބިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 518 ފަރާތަކުން ވަނީ އެއް ދުވަސް ތެރޭގައި ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް ހުށަހެޅި ފޯމުތަކުގެ އިތުރުން ގޯއްޗަށް އެދި ހުށަހެޅި 119 ފޯމެވެ. މީގެ އިތުރުން ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރަމުންނެވެ. އެގޮތުން 3،836 އެޕްލިކޭޝަން މި ވަގުތު ޑްރާފްޓް މަރުހަލާގައި ނުވަތަ ފުރިހަމަ ނުކޮށް ހުރިކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

“ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ މި މަޝްރޫއުގައި 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަންތަނަށް އެދި ހުށަހެޅުމަށް ހާއްސަ ކޮށްފައިވާ “ހިޔާވެހި” ޕޯޓަލް މެދުވެރިކޮށް މިހާރު ފޯމު ހުށަހެޅޭނެއެވެ.

ފޯމު ހުށަހެޅުމަށް ސަރުކާރުން ވަނީ ދިގު މުއްދަތެއް ދީފައެވެ. އެގޮތުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު 4 މާޗު 2026 ގެ ނިޔަލަށް އޮތްއިރު، ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 17 އޭޕްރީލް 2026 ގައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިންތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.