ރައީސް އޮފީހުން ބުނީ މި ބަދަލު ގެނައުމަށް ރައީސް ނިންމެވީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. މޯލްޑިވްސް ޑިޖިޓަލް ސަރވިސް އުފެއްދެވުމާއެކު، މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެންސީއައިޓީގެ މަސައްކަތްތައް ދެން ކުރަމުން ގެންދާނީ އަލަށް އުފެއްދެވި އިދާރާއިންނެވެ.
މި އިދާރާ އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ “މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028” ތަންފީޒު ކުރުމެވެ. މިއީ “ޑިޖިޓަލް ފަސްޓް ނޭޝަން” ތަސައްވުރުގެ ދަށުން، ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެކުލަވާލާފައިވާ މަގުޗާޓެކެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމާފައިވަނީ މި މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އުފުލާނެ އެންމެ އިސް އިދާރާއަކީ މޯލްޑިވްސް ޑިޖިޓަލް ސަރވިސް ކަމުގައެވެ.
އަލަށް އުފެއްދެވި މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން، ޑިޖިޓަލް ރޯޑްމެޕް ތަންފީޒުކުރުމުގެ އިތުރުން، އެންސީއައިޓީން މިހާތަނަށް ކުރަމުން އައި ހުރިހާ މަސައްކަތެއް ވެސް ކުރަމުން ގެންދާނެއެވެ. ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ޑިޖިޓަލް ސަރވިސްއަށް ލިޔާ ސިޓީތަކުގައި ބޭނުންކުރާނެ ނަންބަރަކީ 1137 އެވެ.