English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދުނިޔޭގެ ބްރެއިލް ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް ދެއްވި ޔަގީންކަމަކީ އެންމެން ޝާމިލުވާ، އަދި ހުރިހާ ފަރުދުންނަށް ހުރަހެއް ނެތި ފުރުސަތުތައް ލިބޭނެ މުޖުތަމައެއް ބިނާކުރުމެވެ.

ރައީސްގެ މެސެޖުގައި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އުނގެނުމުގެ ފުރުސަތާއި އަމިއްލަ މިނިވަންކަން ކަށަވަރުކޮށްދިނުމުގައި ބްރެއިލްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ހަގީގީ މާނައިގައި އެންމެން ޝާމިލުވާ މުޖުތަމައެއް އުފެއްދޭނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގައި ހުރިހާ ފަރުދުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ކަމަށެވެ. އަދި ސަރުކާރުން ނިންމާ ނިންމުންތަކުގައި އެންމެންގެ ބައިވެރިވުން އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ދުވަހާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ އިލްމު އުނގެނުމަކީ ވަކި ބަޔަކަށް ލިބިފައިވާ އިމްތިޔާޒެއް ނޫން ކަމަށާއި އެއީ އެންމެންގެ ހައްގެއް ކަމަށެވެ. ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހިތްވަރު ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވަނީ މުޖުތަމަައުގައި އެކަކު އަނެކަކަށް އަޅާލުމަށާއި އޯގާތެރިވުމަށް ގޮވާލައްވާފައެވެ.