މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ބަންދުކޮށްފައިވާ ހޮރްމޫޒު ކަނޑު އޮޅިން އިންޑިއާގެ ބޯޓުތައް ދަތުރު ކުރަން އީރާނުގެ ރައީސް ހުއްދަނުދެއްވާކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އިންޑިއާއިން ބުނެފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ބަންދުކޮށްފައިވާ ހޮރްމޫޒު ކަނޑު އޮޅިން ދަތުރު ކުރާ ބޯޓު ފަހަރު ދަތުރު ކުރިޔަ ނުދޭން އީރާނުން ހުރަސް އަަޅަމުން އަންނައިރުއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފައެވެ.
މި މަޝްވަރާތަކަށް ފަހު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމަޝްވަރާތަކުގައި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާގެ ބޯޓުތައް ހޮރްމޫޒު ކަނޑުއޮޅިން އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމާ ބެހޭގޮތުން ވާހަކަ ދެކެވުނުކަމަށެވެ. އަދި އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒު ކަނޑުއޮޅިން އިންޑިއާގެ ބޯޓުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭން އީރާނުން ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ ހޮރްމޫޒު ކަނޑު އޮޅިން އިންޑިއާގެ ބޯޓުތައް ރައްކާތެރިކަމާއެކު ދަތުރުކުރަން ފުރުސަތު ނުދިން ކަމަށް ބުނާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ބުނެފައެވެ. އަދި މިފަދަ ހަގީގަތެއް ނެތް، ދޮގު ހަބަރު ފަތުރާ ފަރާތްތަކާ މެދު ސަމާލުވުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފައި ވެއެވެ.