މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 2.2 މިލިއަނަށް އަރާފައެވެ. ވަކިވަކި ދުވަސްތަކަށް ބަލާއިރު، ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެ ދުވަހު އެކަނިވެސް 9،900 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. އަހަރުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކު 6،100 ޓޫރިސްޓުން ޒިޔާރަތްކުރިއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 ޕަސަންޓުގެ އިތުރުވުމެކެވެ.
ޓޫރިސްޓުން އައި އަދަދު ކުރިން އަންދާޒާކުރި ވަރަށްވުރެ ކުޑަތަންކޮޅެއް ދަށް ނަމަވެސް، މި ސިނާއަތުން ލިބުނު އާމްދަނީ ވަނީ ރަނގަޅުވެފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް އާމްދަނީ 5.6 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިއީ 16 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން ޓޫރިޒަމް ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ވަނީ 4،000 އަށްވުރެ ގިނަ އެނދު އަލަށް އޮޕަރޭޝަނަށް ގެނެސްފައެވެ.