English Edition
Dhivehi Edition
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ. އެ ޕާޓީން ހާމަކުރި ގޮތުގައި ކެންޑިޑޭޓުންގެ ނަންބަރާއެކު މިހާރު ލިސްޓު ވަނީ ނެރެފައެވެ. މި ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

މި ފަހަރުގެ ޕްރައިމަރީގައި ކައުންސިލް އިންތިހާބަށް ޖުމްލަ 129 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ރަށަކުން ކުރިމަތިލި 92 މީހުންނާއި ސިޓީތަކުން ކުރިމަތިލި 37 މީހުންނެވެ. މި އިންތިހާބުގައި އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ މާލެ ސިޓީގެ މޭޔަރުކަމުގެ ޓިކެޓެވެ. މި ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މެންބަރު އަލީ އާޒިމްއެވެ. މީގެ އިތުރުން އަންހެނުންގެ ކޮމިޓީތަކަށް މާލެއާއި ރަށްރަށުން ޖުމްލަ 23 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި މުޅި ރާއްޖެއިން ޖުމްލަ 1،362 މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަކާ ނުލައި ވެސް ބައެއް ފަރާތްތަކަށް ޓިކެޓު ކަށަވަަރުވެފައިވާއިރު، ވެރިކަން ކުރާ ޕީއެންސީން ވަނީ އެ ޕާޓީގެ ޕްރައިމަރީ މިއަދު ބާއްވާފައެވެ.